އިދިކޮޅު އެމްޑީޕީގައި މިހާރު ވެސް 986 ކޮންގްރެސްމަނުން އެބަތިއްބެވި ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ކޮންގްރެސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، މި ފަހަރު ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލުގައި ބާއްވަން ނިންމެވީ ކޮންގްރެސް ބޭއްވުމަށް މާލެ ސަރަހައްދުން އެއްވެސް ތަނެއް ސަރުކާރުން ދޫ ނުކުރުމުން ކަމަށެވެ. އަދި ސިޓީ ކައުންސިލް ހޯލުގައި މި ކޮންގްރެސް ބޭއްވި ނަމަވެސް ދުރާގާތުން ބަލަން ބޭނުނުންވާ ފަރާތްތަކަށް ކޮންގްރެސް ބެލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒު ވަނީ، މިފަހަރުގެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލްގައި ބޭއްވި ނަމަވެސް އެމްޑީޕީ މެންބަރުން ފަހުރުވެރިވާނެ ފަދަ ރަނގަޅު ކޮންގްރެސްއެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޝިފާޒް ވިދާޅުވީ، އަންނަ އޮކްޓޫބަރު 1 ވަނަ ދުވަހުގެރޭ ހުޅުވުމުގެ ރަސްމިއްޔާތާއެކު ކޮންގްރެސް ފަށާނެ ކަމަށާއި، ޖެހިގަން އަންނަ ދުވަހަކީ ހުކުރު ދުވަސް ކަމުން އެދުވަހުގެ ސެޝަން ފަށަން ހަމަޖެހިފައިވަނީ މެންދަރު ފަހު ކަމަށެވެ.
ހުކުރު ދުވަހު މެންދުރު ފަހުން ފެށިގެން ރޭގަނޑާއި ހަމައަށް ކުރިއަށް ދާނީ އިންވެސްޓްމަންޓް ފޯރަމެއް ކަމަށް ޝިފާޒު ވިދާޅުވި އެވެ. އަދި ހޮނިހިރު ދުވަހު ހެނދެނު 9 އިން ފެށިގެން ރަސްމީކޮށް ކޮންގްރެސްގެ މަަސައްކަތްތައް ފެށިގެން ދާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާޒް ވިދާޅުވީ، ހޮނިހިރު ދުވަހު އަސާސީ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން އޮންނައިރު، ކޮންގްރެސްމަނުން ފާސްކުރާ އަސާސީ ގަވާއިދުތަކާއި ބަދަލެއް އަންނަ ކަމުގައި ވާނަމަ، އެ ބަދަލެއް ވެސް އެދުވަހުގެ ރޭގަނޑު އެނގިގެން ދާނެ ކަމަށެވެ.