ތެލުގެ ދަތިކަމާއި އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން، އީރާނުގައި އޮފީސް ގަޑި ކުރުކޮށް، ގޭގައި ތިބެގެން މަސައްކަތްކުރާ މިންވަރު އިތުރުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ސަރުކާރު މުވައްޒަފުންނާއި ޢާންމު ރައްޔިތުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ސަރުކާރުން ވަނީ ސެޕްޓެމްބަރު 23 އިން ފެށިގެން (2027 މާރިޗް މަހުގެ ނިޔަލަށް) އޮފީސް ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު 1:00 އަށް ކަމަށް ހަމަޖައްސާފައެވެ. އަދި ބާކީ ގަޑިތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުންވެސް، ހަފްތާއަކު އެއް ދުވަހު މުވައްޒަފުން އޮފީހަށް ދަތުރުކުރާއިރު ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމަށްވެސް އިދާރާތަކަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ތެލުގެ ހަރަދު ކުޑަކުރުމަށް ފަށާފައިވާ ކެމްޕޭނުގެ ދަށުން، މި ފަހަކަށް އައިސް އީރާނުގެ ސަރުކާރުގެ ވަޒީރުން ވަނީ މެޓްރޯ ބޭނުންކޮށްގެން އޮފީހަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ޢާންމުކޮށްފައެވެ.

އަމިއްލަ ކާރުތައް ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން، ނޮވެމްބަރު މަހުގެ މެދާ ހަމައަށް މެޓްރޯއާއި ބަސް (ބީއާރްޓީ) ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމުވެސް އީރާނުން ވަނީ ހަމަޖައްސާފައެވެ.

އީރާނުގައި ތެލުގެ ހަރަދު ކުޑަކުރުމަށް ވެހިކަލްތަކުގެ ބަދަލުގައި ކަރަންޓާއި، ގޭހާއި، ހައިބްރިޑް ވެހިކަލް ބޭނުންކުރުމަށް ނިންމާފައިވި ނަމަވެސް، މިކަމަށް އަދި ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ.

ޔުނިވަރސިޓީތައް ހުޅުވުން ލަސްކޮށް، ބައެއް ކްލާސްތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

އޮފީސް ގަޑި ނިމުމުން، ސަރުކާރުގެ އޮފީސްތަކުގެ ހީޓަރުތަކާއި، ބައްތިތައް ނިއްވާލުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލް، ޔުނިވަރސިޓީ، ޞިއްޙީ މަރުކަޒުތައް އަދި ޚިދުމަތްދޭ މައިގަނޑު ތަންތަނަށް ޢަމަލުކުރާނެ ވަކި އުޞޫލެއް ފަހުން އިޢުލާންކުރާނެއެވެ.

ދައުލަތަށް ހަކަތައާއި، ކަރަންޓާއި، ޕެޓްރޯލުން ހޭދަވާ ޚަރަދު ކުޑަކުރުމުގެ ގޮތުން، އެކަމަށް އެކަށީގެންވާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް މަސްޢޫދު ޕެޒެޝްކިޔާން ވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހު ޚާއްޞަ ޤަރާރެއް ނެރުއްވާފައެވެ.

"އަޅުގަނޑުމެންގެ ސަރުކާރާހަމައިން މި ވަނީ ތެލުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް ފަށާފައި،" މި މަހުގެ ކުރީކޮޅު ޕެޒެޝްކިޔާން ވިދާޅުވިއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ އީރާނަށް މީގެ ކުރިންވެސް ހަކަތައިގެ ކާރިސާތަކާ ކުރިމަތިލާންޖެހިފައި ވެއެވެ. ނަމަވެސް އެމެރިކާއި އިޒްރޭލާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ސަބަބުން، ހަކަތައިގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ.

ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، އީރާނުގެ ސަރުކާރުން ވަނީ ކޮންމެ މަހަކު ކަނޑައަޅާފައިވާ 110 ލީޓަރުގެ ކޯޓާއަށްވުރެ އިތުރަށް ބޭނުންކުރާ ތެލަށް ނަގާ އަގު ބޮޑުކޮށްފައެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ދެކުނުގެ ބަނދަރުތައް ހިމާޔަތްކުރުމުގެ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ތެޔޮ އެތެރެކުރުމަށް ވަނީ ހުރަސްއެޅިފައެވެ. އަދި ހުރްމުޒް ކަނޑުއޮޅިން ތެޔޮ އެކްސްޕޯޓް ކުރުމަށްވެސް ވަނީ ހުރަސްއެޅިފައެވެ.

މީގެ އިތުރުން އެމެރިކާއާއި އިޒްރޭލުން ދިން ޙަމަލާތަކުގެ ސަބަބުން ތެލާއި ގޭސް އުފައްދާ ތަންތަނަށާއި ޕެޓްރޯ ކެމިކަލް ކުންފުނިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އީރާނުގައި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ޢާންމުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތައް ދައްކައިދޭ ތަފާސްހިސާބުތައް ވަނީ ޢާންމުކޮށްފައެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 މާރިޗް މަހާއި ޖޫން މަހާ ދެމެދު އީރާނުގެ ޖީޑީޕީ ވަނީ %10.1 ދަށަށް ގޮސްފައެވެ.

ޔުނިވަރސިޓީ އޮފް ތެހެރާނާ ގުޅިފައިވާ ރިސާޗް ސެންޓަރެއްގައި މަސައްކަތްކުރާ ޒުވާނެއް ކަމަށްވާ އާމިރު ޙުސައިން ބުނީ، ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދު ކުޑަވެފައިވާ ކަމަށާއި، މިއީ އޭނާއަށް ލިބުނު ފަސޭހައެއް ކަމަށެވެ. "ބައެއްފަހަރު އޮފީހުގައި މަސައްކަތްކުރާވަރަށްވުރެ ގޭގައި ހުރެގެން ގިނަ މަސައްކަތް ކުރެވެއެވެ،" އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން އޭނާ ބުނެފައި ވެއެވެ.

އީރާނުގެ ސަރުކާރުން ތެލުގެ ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ދިގު މުއްދަތަކަށް ކާރިސާއިން ސަލާމަތްވުމަށް އަޅާ ވަގުތީ ފިޔަވަޅުތަކެކެވެ.