ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މަސްގަންނަ އަގު ބޮޑުކޮށް މިއަދު މަސް ގަންނަނީ 22ރ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިއީ ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި މަހުގެ އަގަށް އެ ކުންފުނިން ބަދަލު ގެނައި 4 ވަނަ ފަހަރެވެ.

އެ ކުންފުނިން މަހުގެ އަގު ކަނޑަޅެމުގައި މިހާރު ގެންގުޅެމުންދަނީ ބާޒާރުގެ އަގަށް ބަލާ ފްލޯޓިން ޕްރައިސް އުސޫލެކެވެ.

މިފްކޯއިން އެންމެ ފަހުން މަހުގެ އަގަށް ބަދަލު ގެނެސްފައި ވަނީ ނިމިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އޭރު އެ ކުންފުނިން ވަނީ މަސް ގަންނަމުން އައި އަގު 20ރ އިން 21 އަށް މަތިކޮށްފައެވެ. އަދި އޭގެ ފަހުން މިހާރު މަހުގެ އަގު 1 ރުފިޔާ ބޮޑުކޮށް 22ރ އަށް ވަނީ މަސްގަންނަން ފަށާފައެވެ.

މިފްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ.ތިނަދޫ، ހއ. އިހަވަންދޫ، މ. މުލައް،، ކަނޑުއޮތްގިރީގެ ބަނދަރުން އަންގާރަ ދުވަހު 22 ރުފިޔާއަށް ކަޅުބިލަމަސް ގަންނަމުންދާނެ ކަމަށެވެ. އަދި ބޮޑު ކަންނެލި 15 ކިލޯއިން މަތި 25 ރުފިޔާއަށް ގަންނައިރު، ބޮޑު ކަންނެލި 10-15 ކިލޯ ގަންނާނީ 20 ރުފިޔާއަށް ކަމަށްވެސް މިފްކޯ އިން ބުނެފައި ވެއެވެ.