ރާއްޖޭގެ ބިމުން އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ވިއްކާނުލާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހަސަން ޒަރީރު މިހެން ވިދާޅުވީ އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްގެން ރަސްމާލޭގައި "އީގަލް ހިލްސް" އިން ކުރިއަށްގެންދާ 20 ބިލިޔަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓާއި ބެހޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. މި އެއްބަސްވުމުގެ ދަށުން އިންވެސްޓްމަންޓުގެ ބަދަލުގައި ރަސްމާލޭގެ ބައެއް އެ ކުންފުންޏަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރަމުން އަންނަ ތުހުމަތުތަށް މިނިސްޓަރު ވަނީ ދޮގުކުރައްވާފައެވެ.

"އެއްވެސް ހާލެއްގައި މިއީ ރާއްޖޭގެ ބިމުން އެންމެ ތަންފުކެއްވެސް ވިއްކާލެވޭ ގޮތަށް ހިންގާ ޕްރޮޖެކްޓެއް ނޫން. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕްލެޖް ކުރައްވާފަ އޮތް ކަމެއް އެއީ ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ބޭރުގެ ފަރާތަކަށް ވިއްކާނުލައްވާނެ ކަމަށް.. އެހެންކަމުން އެ އުސޫލު އަބަދުވެސް ދަމަހައްޓާނެ. ރާއްޖެއަށް ގެންނަ ކޮންމެ އިންވެސްޓަރެއް އަންނަ އިރުވެސް."

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

މިނިސްޓަރު ޒަރީރު ވިދާޅުވީ، އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރާނީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ގާނޫނުން ހުއްދަކުރާ 99 އަހަރުގެ ލީޒް އުސޫލުން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކުންވެސް އަމަލުކުރަންޖެހޭނީ ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނުތަކުގެ އިމުގެ ތެރޭގައިކަމަށެވެ. މިގޮތުން އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގައިވެސް ބިމުގެ މިލްކުވެރިކަން އެ ކުންފުންޏަށް ލިބޭނެ އެއްވެސް މާއްދާއެއް ހިމަނާފައި ނޯންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

"މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢު އަކީ ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމުގައި ފާހަގަކުރައްވާ އެކަމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ދިވެހި ރައްޔިތުންނަށް މަންފާކުރާނެ ކަމަށްވެސް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައެވެ.

އެ މަޝްރޫއުގެ ފުރަތަމަ އަހަރު އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުގެ ލީސްރައިޓްސް ވިއްކައިގެން ރާއްޖެއަަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށާއި އޭގެ ފަހުން އެތަންތަން ހިންގައިގެން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ވެސް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.