މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ސައިކަލުތައް ނައްތާލީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާންމުވެފައިވާ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ، ޓޯކޮށް، ދޫކުރުމަށް ހަމަޖައްސާފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލު ނުވުމުގެ ސަަބަބުން ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަ ކުރާން ޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށް ފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަދެވިފައިވާ އުޅަނދުތަކެއް ކަމަށެވެ.

މީގެއިތުރުން އެ ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުށްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް ހުޅުމާލޭ ފޭސް 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރާ މަންޒަރުކަމަށް ފުލުހުން ބުނެއެވެ.

މީސް މީޑިއާގައި އާންމުވެ، ފާޑުކިޔުންތައް އަމާޒުވި ވީޑިއޯއިން ފެންނަނީ، ފުލުހުންގެ ޓީޝާޓުގައި ތިބި ބަޔަކު، ޓްރަކަކުން ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލަމުންދާ މަންޒަރެވެ.

ނުގަވާއިދުން ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަން ފަށާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެ އަށްފަހު ފުލުހުން ދަނީ މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ބާ އުޅަނދުތައް ވެސް ޓޯ ކުރަމުންނެވެ.

މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާލު ނުވެއްޖެނަމަ ނައްތާލުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުންދެއެވެ. އިޢުލާނުކުރާ މުއްދަތުގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް، ނީލަން ކިޔައިގެން ވިއްކާލުމުގެ ނުވަތަ އެއްކޮށް ނައްތާލުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ފުލުހުންގެ މުއައްސަސާއަށް ލިބިގެންވެއެވެ.