ރާއްޖޭގެ ރީތިކަމުގެ ސަބަބުން ލިބޭ މަންފާ މިހާރަށްވުރެ އިތުރުވާންޖެހޭ ކަމުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ 20 ބިލިއަން ޑޮލަރުގެ އަގުހުރި ބިޔަ މަޝްރޫޢުއަށް އިޝާރަތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރުގެ މުއްޠަލިބުގެ ޕޯސްޓުގައި ވަނީ ރާއްޖޭގެ އިގްތިޞާދީ މުސްތަގުބަލާ ގުޅޭ މުހިންމު ނިންމުމެއްގައި ސޮއިކުރައްވާފައިވާ ކަން ހާމަކުރައްވާ އެ ނިންމުމަކީ ވަރަށް ވިސްނުންތެރިކަމާއެކު، ނިންމެވި ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށްޓަކައި ގިނަ ވަގުތުތަކެއްގައި ދިރާސާކޮށް، ތަފާތު ދަތުރުތައް ކޮށްފައިވާނެ ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާއި ތަސައްވުރާ އެއްގޮތްވާގޮތުގެ މަތިން އެމަނިކުފާނާއި ވެސް މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ. އޭގެ އިތުރުންވެސް އެކި ދާއިރާގެ މާހިރުންނާއި ކެބިނެޓް މެންބަރުންނާއި އިސްވެރިންނާއެކު ދިގު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުން ލިބޭ އިގްތިސާދީ މަންފާ، މިހާރު ދިވެހިންނަށް ލިބިފައިވާ މިންވަރަށްވުރެ ބޮޑު މިންވަރެއް ދިވެހިންނަށް ހައްޤުވާ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ރަސްމާލޭގައި ކުރިއަށްގެންދަން ސޮއި ކުރި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއަށް އިޝާރަތްކުރައްވާ މުއްޠަލިބު ވިދާޅުވީ މި މަޝްރޫޢު ފަރުމާކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖެއަކީ އާމްދަނީ މަތީ ޤައުމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ، ތަސައްވުރުގެ ދަށުން ކަމަށެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއި ކޮށްފައިވާ އިރު، އެ މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނެއެވެ.