ސެޕްޓެމްބަރު 21، 1965 ގައި ރާއްޖެއިން އދ.ގެ މެންބަރުކަން ހޯދި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމަށާއި މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އެންމެ މުހިންމު ވަސީލަތަކީ އދ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ) ގެ މެންބަރަކަށް ދިވެހިރާއްޖެ ވީތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި އިރުތިޝާމް ދެއްވި މެސެޖުގައި ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)ގެ ތަރައްގީގެ އެޖެންޑާ ބައްޓަންކުރުމުގަޔާއި، އޭއޯސިސް ފަދަ ޖަމާޢަތްތައް އުފެއްދުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކޮށްފައިވާކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިބަދައަކީ އދ. ކަމަށާއި، ތަރައްގީގެ ކަންކަން ނިންމުމުގައި ކުދި ގައުމުތައް އިސް ސަފުގައި ތިބެންޖެހޭ ކަމަށެވެ.

ވަޒީރުގެ މެސެޖުގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ކުދި ޖަޒީރާ ގައުމުތަކުގެ އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގައި އިސް ނަގަންވާނީ އެ ގައުމުތަކުން ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމަޢުގެ ދައުރަކަށް ވާންވާނީ އެ ގައުމުތަކުގެ ނިންމުންތަކަށް ތަބާވެ އެއްބާރުލުން ދިނުން ކަމަށާއި، މި ވިސްނުން ޙަގީގަތަކަށް ހެދުމަށް 'އަބާސް' އެޖެންޑާ ފުރިހަމައަށް ތަންފީޒުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މޫސުމީ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ހިންގުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އދ. ގެ އަސާސްތަކާ އެއްގޮތަށް ހަމަހަމަކަމާއެކު ދުނިޔޭގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.