އަޅާފައި އޮތް ނަގިލި ކަހާލައިގެން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ތެޔޮ އުފުލާ ދެ ބޯޓު ޖެހުނު ހާދިސާގެ ޚަބަރުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޤާނޫނާއި ގަވާއިދާ އަމަލުކުރަންޖެހޭ އުސޫލުތަކާއި ޚިލާފު އަމަލެއް ހިންގާފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ)ން ނިންމައިފިއެވެ.
އެކަމާއި ގުޅިގެން އެންއައިސީން ނެރުނު ބަޔާނުގައި ބުނީ އެކޮމިޝަނުން މިކަން ބަލަން ނިންމީ ކޮމިޝަންގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން މިހާދިސާ ތަހުގީގުކުރުމަށްޓަކައި ކަމަށެވެ.
އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައި ނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހު 26 ގައެވެ. އޮމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ އެ ދެ ބޯޓު، މާލެ ކައިރީގައި، އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮތެވެ. ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ބޯޓުތައް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ މި ދެ ބޯޓު އޮޔާ ގޮސްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ނަގިލި ކަހާލައިގެންނެވެ. މާލޭގެ އިރުމަތީ ފަރާތުން އޮޔާގޮސް ބުރިޖުގެ ސުޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައި ދެ ބޯޓު ޖެހުމާއި ގުޅިގެން ބުރިޖަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ސިނަމާލެ ބުރިޖު އިމާރާތްކުރި ޗައިނާގެ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި އިންސްޕެކްޝަނުގައި ބެލި ބެލުމުން، ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ޔަޤީންކުރެވިފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
މި ދެ ބޯޓުގައި ތިބި 9 ފަޅުވެރިން ސަލާމަތްކޮށްފައިވާއިރު ފަހުން މި ދެ ބޯޓު ވަނީ ރާއްޖޭގެ ސަރަހައްދުން ބޭރަށް އަޑިއަށްގޮސްފައެވެ. އެކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ދެ ބޯޓު ދިޔަވެގެން އަޑިއަށް ގޮސްފައިވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށްކަމަށެވެ.