މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި، ހުޅުމާލޭގައި ޚާއްޞަ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެ މިސްކިތް ބިނާކުރަން ނިންމާފައި ވަނީ ހުޅުމާލެ ފޭސް 2 ގައެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ބިނާ ކުރެވޭ މިސްކިތެއް ކަމަށެވެ. އެގޮތުން އެ މިސްކިތް ބިނާ ކުރުމަށް ޚިދުމަތް ޖަމިއްޔާއާއި އެ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެ ވުޒާރާއިން ބުނީ އެ މިސްކިތް ބިނާކުރެވިގެންދާނީ އިސްލާމީ ޢިލްމުގެ މުއްސަނދި ލައިބްރަރީއަކާއި، ޤުރުއާން ކިޔަވައިދެވޭނެ ޒަމާނީ ކްލާސްރޫމްތަކާއެކު، މަރުޙޫމް ޝައިޚް ފަރީދު ދީނަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި މަސައްކަތްޕުޅުތައް ދިރުވައި އާލާކުރާނެ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ.
އަލްމަރުޙޫމް ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކުރުވުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަކިން ޚާއްޞަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ދަރުސްތައް ދެއްވައި، އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
ޝައިހް ފަރީދު އަވަހާރަވީ އުމުރުފުޅުން 53އ ގައި 2025 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން، އެ ޤައުމުގެ އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.
.