ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ދުބާއީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންގެ މަޤާމުގައި ހުންނެވި ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު ނިޔާވި އިރު އުމުރުފުޅަކީ 76 އަހަރެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމަށާއި، އެ މަނިކުފާނުގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

ރައީސްގެ މެސެޖުގައި ވަނީ ހިތާމައިގެ މި ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، ޝައިޚް މުޙައްމަދަށާއި އެމަނިކުފާނުގެ ޢާއިލާއަށާއި ޔޫއޭއީގެ އެންމެހައި ރައްޔިތުންނަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދި ދުޢާކުރާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި ވަނީ ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ޖަންނަތުލް ފިރުދައުސް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.