ރަސްމާލެއަށް މި ސަރުކާރުން ގެންނަ މަޝްރޫއަކީ މުސްތަގްބަލަށް ބަލާނަމަ ފައިދާކުރަނިވި މަޝްރޫޢުއެއް ކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރަސްމާލެ ތަރައްޤީކުރުމުގެ ގޮތުން އެކުވެރި އަރަބި އިމާރާތައް ނިސްބަތްވާ އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން މިއަދު ސޮއި ކުރި 20 ބިލިއަން ޑޮލަރުގެ ތަރައްޤީގެ އެއްބަސްވުމަށް އިޝާރާތްކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މި އެއްބަސްވުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ޕްރައިވަޓައިޒް ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ރަސްމާލޭގައި ވޯޓަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމާއި އެ މަޝްރޫޢުއަކާ ގުޅުމެއް ނެތްކަމަށްވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ހުރިހާކަމެއް އެންމެ ރަނގަޅަށް ދިޔަނަމަވެސް އެތަނުން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން 2 އަހަރު ނަގާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި އަބޫދާބީގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ބަޔޯވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ އެ މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނެއެވެ. އަދި އެ މަޝްރޫޢުގެ ދަށުން ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތާއި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.