ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު ދުބާއީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލާއްބާރާއި ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން ހައުސިން މިނިސްޓްރީ އާއި ޔޫއޭއީގެ އީގަލްސް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، ޔޫއޭއީގެ އަބޫދާބީގައި މަރުކަޒު ކޮށްފައިވާ އީގަލް ހިލްސް ކުންފުނިން ދިވެހި ސަރުކާރާ އެކު އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ކަމަށެވެ.
އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުަހައްމަދު އަލައްބާރު އެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެ ބަޔާނުގައި ބުނީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ބަޔޯވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭ ކަމަށެވެ. އަދި ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތާއި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ތަނުން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާއި ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.
އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. އަދި އެ ކުންފުނިން ޔޫއޭއީ އާއި ބައިނަލްއަގުވާމީ މާކެޓްތަކުގައި ތަފާތު އެކި މިކްސްޑް-ޔޫސް، ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ.
މީގެ އިތުރުން އީގަލް ހިލްސްއަކީ ދުނިޔޭގެ އެންމެ އުސް ޢިމާރާތް، ބުރުޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްޤީކުރި އެމާ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލާއްބާރުގެ އަމިއްލަ ކުންފުންޏެކެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅޭ ޚާއްޞަ އިސްކަމުގެ ދަށުން ފެށި މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ ޖުމްލަ ބޭރުގެ އިންވެސްޓްމަންޓް ވަންނާނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ސީދާ ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ލިބިގެންދާނެ ކަމަށް ލަފާކުރެއެވެ. މި މަޝްރޫޢުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިންނަށް 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާއިރު، އެ މަޝްރޫޢު އެއްކޮށް ފުރިހަމަވުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އެ ސިޓީއަށް ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ޤައުމަށް ލިބިގެންދާނެއެވެ.