މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މީރާއިން އަންގާފައިވާ އެންގުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ 33 ފަރާތެއްގެ ނަން އެ އިދާރާއިން އާންމުކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ ގޮތުގައި، މި ފަރާތްތަކަކީ ޓެކުހުގެ ގޮތުގައި ނުދައްކައިވާ އަދަދު އެއް މިލިޔަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ. އަދި މިއީ "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން ނިންމި ނިންމުމެއް ކަމަށް މީރާއިން ބުނެފައިވެއެވެ.
މީރާއިން ބުނީ، އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ސާފު ކޮށްދީފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައްވެސް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުންދާނެ ކަން ފާހަގަކޮށް މީރާއިން ވަނީ، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ޓެކްސް ނުދައްކައިވާ ފަރާތްތަކުން އަވަހަށް ފައިސާ ދައްކައި ނިންމުމަށްވެސް މީރާއިން ވަނީ އަންގާފައެވެ.
މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެ މަހު އެކަނިވެސް 497 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، އެއީ މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ ޖުމްލަ އާމްދަނީގެ 3.01 އިންސައްތައެވެ.