ޣާޒީ ބިލްޑިންގ ހުރި ސަރަޙައްދުގައި ހަދާ ޕާކިން އޭރިއާގެ މަސައްކަތް ނިންމާ އަންނަ ހުކުރު ދުވަހު ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޕަބްލިކް ވަރކްސްއިން އެ ސަރަހައްދުގައި ޕާކިން ޒޯނަކާއި، ޕާކު އޭރިއާއެއް ތަރައްގީކުރުމަށް ނިންމާ އެ މަސައްކަތް ފެށީ މިއަހަރުގެ މާރިޗު މަހުއެވެ.

އެ ވުޒާރާއިން ބުނީ، އެތަނުގައި 370އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭ ޕާކިން ޒޯނެއް ހަދާފަވާކަމަށެވެ. އަދި އިށީންދެލައިގެން ތިބެވޭގޮތަށް، ކުޑަ ޕާކު އޭރިއާއެއްވެސް ހިމެނޭކަމަށެވެ. އަދި އެ ބިމުން ބައެއް، ފުލުހުންނާއި ސިފައިންގެ އުޅަނދުތައް ޕާކުކުރުމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، އެ ސަރަޙައްދުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތްތައްކަމަށާއި ހުކުރު ދުވަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާ، އެސަރަޙައްދު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޒޯން ތަރައްގީކުރުމުގެ މަސައްކަތް ނިމި، ޕާކު ކުރާ އޭރިއާތައް ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސްް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ޣާޒީ ބިލްޑިންގއަކީ ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޭނުންކުރި އެންމެ ދުވަސްވީ އިމާރާތެވެ. އެ އިމާރާތް ބާވެ ތަޅާލާފައި ވަނީ 2023 ވަނަ އަހަރުގައެވެ.