މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް މިއަދު ފަށައިފިއެވެ.

މިމަހުގެ 21 އިން 22 އަށް ކުރިއަށްގެންދާ މި ޓްރެއިނިންގ ކޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އަހުމަދު ޝިޔާމު އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ ބައިވެވަޑައިގަންނަވާނެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ޓްރެއިނިންގް ގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަސީލަތްތައް ބެލެހެއްޓުމާއެކު ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަރ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމަށާއި، ހަލާކުވަމުންދާ މުރަކަ އަދި ފަރުތައް އިޔާދަ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުން ކަމަށެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި އެ ވުޒާރާ އާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ، މިފްކޯ، ދިމާވެށީގެ ވުޒާރާއާއި، އެންވައިރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ފަރާތުން 51 ފަރާތަކުން ބައިވެރިވެއެވެ.

މީގެއިތުރުން، ހައިނާން ޔުނިވަސިޓީ ބޭފުޅުން އެ ވުޒާރާގެ މެރިކަލްޗަރގެ ދިރާސާ ކުރާ ރަށްކަމަށްވާ ކ. މަނިޔަންފުއްޓަށް ޒިޔާރަށްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ މަގްސަދަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވައިލައިފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕެރޭޓިވް ޕާޓްނަަޝިޕްގެ ދަށުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ކަމާގުޅޭ އިދާރާތަކަށް މުހިންމު ފަންނީ ތަމްރީނު ދީ ހުނަރުވެރިކަން އިތުރުކުރުމެވެ.