މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. ކުޑަހުވަދޫއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ / ދަފްތަރު. ނަންބަރ ދރ 1384، އުމުރުން 20 އަހަރުގެ ޛުލްކިފްލި ރަޝާދު އާދަމް އާއި ދ. ކުޑަހުވަދޫ، ފްރެންޑްލީ، އުމުރުން 30 އަހަރުގެ ނިހާލް ނަސީމްގެ އިތުރުން ދ. ކުޑަހުވަދޫ، މާވެޔޮ، އުމުރުން 44 އަހަރުގެ ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި، ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި ތިއްބައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.