ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
ފުލުހުން ބުނީ، މިދިޔަ އޮގަސްޓް 24 އިން ސެޕްޓެމްބަރު 19 ގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަމީމް ކަމަށެވެ.
މި ޕްރޮގްރާމަކީ ކަރެކްޝަނަލް ފެސިލިޓީތައް ބެލެހެއްޓުމާއި ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގެންގުޅޭ އެންމެ ފަހުގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ތަޖުރިބާތަކުގެ އަލީގައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މީގެއިތުރުން، މި ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައި ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމަކީވެސް މި ތަމްރީނު ޕްރޮގްރާމްގެ މުހިންމު މަޤުޞަދެއް ކަމަށެވެ.