އެންމެ ބޮޑު އުންމީދަކީ ކ. ކާށިދޫ ޕޮލިސްޓޭޝަން ނިމިގެންދާނެ ދުވަސް ދެކުން ކަމަށާއި އެއީ އަތޮޅުތެރޭގަ ފުލުހުންގެ މަސައްކަތްތައް އިތުރު ގިއަރަކަށް ގެންދެވޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރެއްވުމުގެ ގޮތުން ފައްޓަވާފައިވާ ޕްރޮގްރާމުގެ ތެރެއިން މިއަދު ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެ ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޮދަރން ޕޮލިސް ކޮމާންޑަރާއި، އަތޮޅު ކޮމާންޑަރުގެ އިތުރުން ކާށިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ 154 މަރުކަޒު ގާއިމުކުރުމުގެ ބޮޑު މަޝްރޫއަކީ އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ސީޕީ ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ހާއްސަ ހުނަރުތަކެއް ބޭނުންވާ ތަފާތު ޕްރޮފެޝަނެއް ކަމަށްވާއިރު، ވޭތުވެދިޔަ 30 ހަކަށް އަހަރު ދުވަހު ކައުންސިލް އިދާރާތަކާއި، އަތޮޅުގޭގެ އިތުރުން އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން މަރުކަޒުތައް ހިންގަން ޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަކީ މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން، ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ސަރުކާރުން އިސްނަންގަވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފައްޓަވާފައިވާ 154 ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން ކާށިދޫގައިވެސް ލެވެލް 2 ގެ ދެބުރި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ކަނޑައެޅި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި ސިޕީ ވިދާޅުވީ، އިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކޮންޓްރެކްޓަރުންނާ ވަކިވަކިން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

ފުލުހުންގެ އަސާސީ މަސްއޫލިއްޔަތުތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވަނީ، ޖިނާއީ ތަހުގީގުތަކާއި އޮޕަރޭޝަނަލް މަސައްކަތްތަކަށް އިސްކަންދިނުމުގެ ސިޔާސަތެއް މުއައްސަސާގެ ތެރޭގައި ގާއިމުކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

ތަހުގީގު މަސައްކަތްތަކާ ދުރުހެލިވާން ބައެއް މުވައްޒަފުން މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން، މުއައްސަސާއިން އިންވެސްޓިގޭޓިންގ އޮފިސަރުންނަށާއި އޮޕަރޭޝަންސްގައި ސީދާ ހަރަކާތްތެރިވާ ފުލުހުންނަށް އިސްކަންދީ އެމަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއަޅުއްވާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ކާށިދޫގެ ކުށުގެ ހާލަތަށް ބައްލަވަމުން ސިޕީ ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ ރަށުގައި ތަހުގީގުކުރެވުނު މައްސަލަތަކުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އެގޮތުން، އެ މުއްދަތުގައި ހުށަހެޅުނު 21 މައްސަލައިގެ ތެރެއިން 9 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާތީ، އެއީ އިންވެސްޓިގޭޓިންގ އޮފިސަރުންގެ ހުނަރާއި ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ކާށިދޫއަކީ ބިންބޮޑު، ވާބޯ ރަށަކަށް ވާތީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން ފަޅު ސަރަހައްދުތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު އޮތުމުން، މުޅި ރަށް މޮނިޓަރކޮށް ބެލެހެއްޓުމަށް ހާއްސަ ފޯކަސްއެއް ބެހެއްޓުމަށް އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، ސިޕީ ވަނީ، ފުލުހުންގެ އަހުލާގާއި ޑިސިޕްލިން އަދި ޔުނިފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ރަށުތެރޭގައި ހިދުމަތް ދިނުމުގައި އަމިއްލަ އިސްނެގުމާއެކު ޒިންމާދާރުކަން ކުރިއަށް ނެރުމަށް ހުރިހާ މުވައްޒަފުންނަށް ގޮވާލައްވާފައެވެ. އަދި ކާށިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދައްކަމުންދާ ނަމޫނާ މަސައްކަތަށް އެ ސްޓޭޝަނުގެ އިންޗާޖަށާއި މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.