ކ. ކާށިދޫ އަދި ކ. ގާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ޢާއިލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ކާށިދޫއަށް ކުރެއްވި ޒިޔާރަތުގައި ސީޕީ ވަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމްގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި ވަގުތު ހޭދަކުރައްވާފައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ފުލުހުންގެ ހިދުމަތުގެ އިސް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސީޕީ ވަނީ، ސާޖަންޓް އާދަމް ހަލީމް ގައުމީ ވާޖިބުގައި ފުރާނައިން ގުރުބާންވިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އޭނާގެ ގައުމީ ޚިދުމަތުގެ ޒިކުރާއަކީ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ކާށިދޫގައި ހިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ގޭބަންދުގެ އަމުރާ ހިލާފުވި މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ދިން ހަމަލާއެއްގައި އާދަމް ޙަލީމް ޝަހީދުވެފައިވަނީ 2012 ޖުލައި 23 ގައެވެ.

އާދަމް ޙަލީމަކީ ގާނޫނު ތަންފީޒުކުރުމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ދިން އަނިޔާވެރި ހަމަލާއެއްގައި ދިވެހި ފުލުހުންގެ ތާރީހުގައި ޝަހީދުވި ފުރަތަމަ ފުލުހެވެ.

އެ ހާދިސާއާ ގުޅިގެން އާދަމް ހަލީމްގެ ރޭންކް ވަނީ ޕޮލިސް ލާންސް ކޯޕްރަލް އިން ޕޮލިސް ސާޖަންޓް ރޭންކަށް ޝަހީދުވުމުގެ ފަހުން އުފުލައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް އަރުވާފައެވެ. އަދި އާދަމް ޙަލީމް ޝަހީދުވި ދުވަހާ ގުޅުވައިގެން، 2013 ޖުލައި 23 އިން ފެށިގެން ކޮންމެ އަހަރަކުވެސް "ޕޮލިސް މެމޯރިއަލް ޑޭ" ރަސްމީކޮށް ފާހަގަކުރަމުން އަންނައިރު، މާލޭގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ވަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމްގެ ނަންފުޅު ދެއްވާފައެވެ.