އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ (އެޗްއާރްސީއެމް) އިސްނެގުމުގެމަތިން ކުރިއަށްގެންދާ ފަސް ދުވަހުގެ "ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް" ލ. ގަމުގައި ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން އެޗްއާރްސީއެމްގެ ކޮމިޝަނަރ އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަނީ، މުޖުތަމަޢުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރަކީ ނުހަނު މުހިންމު އަދި އަގުހުރި ދައުރެއްކަން ފާހަގަކުރައްވާފައެވެ.

މި ފަސް ދުވަހުގެ ތަމްރީނުން ލިބޭ މައުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

އެޗްއާރްސީއެމް އިން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެޗްއާރްސީއެމް އަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، އެ ކޮމިޝަނުގެ "ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ" އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމް ބިނާވެފައިވަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ "ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް" ގެ މައްޗަށް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ބުނީ، މި ޕްރޮގްރާމްގެ ތެރެއިން ގިނަ ދާއިރާތަކަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ވިސިލް ބްލޯވަރ ގާނޫނަށާއި، ޖިން ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ތަމްރީންތަކުގެ އިތުރުން ފުލުހުންނަށް އަމާޒުކޮށްގެން އެންޓި ޓޯޗަރ ސެޝަންތަކާއި، އަންހެނުންނާއި ޖަމްއިއްޔާތަކަށް ހާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން، އެޗްއާރްސީއެމްގެ ދެ ޓީމަކުން ލ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި އެކި މުއައްސަސާތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ލ. އަތޮޅުގެ މާބައިދޫ، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، މާވަށް، އަދި މުންޑުއަށް ކޮމިޝަނުގެ ވަފުދުން ދަތުރުކޮށް ސެޝަން ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ މި ކޮމިޝަނުން މައުލޫމާތު ފަތުރާ އިންސާނީ ހައްގުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ފުޅާދާއިރާއެއްގައި ކުރިއަށްގެންދެވޭ ހަރަކާތެކެވެ.