ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލުގެ ޤާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް، ރައިޓް އޮނަރަބަލް ރާމްޗަންދްރަ ޕޯޑެލް އާއި ބޮޑުވަޒީރު، ރައިޓް އޮނަރަބަލް ބަލެންދުރަ ޝާހަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި ދެ ބޭފުޅުންނަށް ހޮނިހިރު ދުވަހު ރައީސް ޑރ. މުއިއްޒު ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީ ފުޅުތަކުގައި، ރާއްޖެއާއި ނޭޕާލާއި ދެމެދުގައި އޮތް ގުޅުމަކީ ދެގައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއިން އިސްކަންދޭކަން ކަށަވަރުކޮށްދެއްވަމުން، ދެ ޤައުމާއި ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި ދޭދޭ ގުޅުންތަކުގެ ތެރެއިންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ނޭޕާލުގެ ދެ ލީޑަރުންނަށް ފުރިހަމަ ޞިއްޙަތާއި އުފާވެރިކަމަށް އެދިވަޑައިގަންނަވަމުންނާއި، ނޭޕާލުގެ ރައްޔިތުންނަށް އަމާންކަމާއި، އެކުވެރިކަމާއި، ފާގަތިކަމަށް އިޚްލާޞްތެރިކަމާއެކު އެދިވަޑައިގަންނަވަމުންނެވެ.