25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.
ރައިސް ފާހަގަކުރެއްވި ގޮތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއްކެވެ.
އެގޮތުން ޑރ. މުޙައްމަދު ޢަލީ އަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.