އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު، މި ބައްދަލުވުން އޮތީ ސޯލިހްގެ އޮފީސް ހުންނަ ސޯލްޓް ކެފޭ ހިންގާ އިމާރާތުގައި ކަމަށް ވާއިރު ގާތްގަނގަކަށް ދޮޅު ގަޑިއިރަށް މި ބައްދަލުވުން ވަނީ ދިގު ދެމިގެންގޮސްފައެވެ.

މި ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ، އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި މިހާރު އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް 2028 ކާމިޔާބުވުން ކަމަށެވެ. އެހެންކަމުން ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި އެ ފޯމިއުލާއަށް ޕާޓީގެ ހުރިހާ މެމްބަރުން ވެސް މަސަކަތްކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ޕާޓިގައި ވާދަކުރެއްވުމަށް ނިންމެވި ނިންމެވުން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހަކީ ގައުމުގައި ވެރިކަން ކުރައްވާފައި ހުންނެވި ގައުމުގެ ކުރިމަގަށްޓަކައި ވަރަށް ވިސްނަވާ ބޭފުޅެއްކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ، މި ކަމުގައި ރައީސް ސޯލިހުގެ ނިންމެވުން ވެގެން ދާނީ މުޅި ގައުމުގެ މަސްލަހަތު ހިފެހެއްޓިގެން ދާނެ ނިންމުމެއް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

ފައިސަލް ވިދާޅުވީ، މަސަކަތް ކުރައްވަމުން ގެންދަވަނީ ޕްރައިމަރީގައި ވާދަ ކުރައްވައި ރިޔާސީ ޓިކެޓު ހޯއްދެވުމަށް ކަމަށެވެ.

2028ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އަންނަ އަހަރު ތެރޭ ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މިދިޔަ މަހު ރައީސް ޞާލިހުވެސް ނިންމެވިއެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރައްވައެވެ.

މީގެ އިތުރުން ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މީގެ ކުރިން ބައެއް ޕްލެޓްފޯމްތަކުގައި ފައިސަލް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވާދަކުރެއްވުމަށް ނިންމެވިކަން ރަސްމީކޮށް އެ މަނިކުފާނު ވެސް އިއުލާނު ނުކުރައްވައެވެ.

ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ އެމްޑީޕީ އަށް 2023 ގެ ރިޔާސީ އިންތިހާބު ގެއްލުނު ފަހުން 2024 ވަނަ އަހަރުގެ ފެބްރުއަރީ 22 ގަ އެވެ. އެއީ ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން މިހާރު ފާޅުގައި ކެމްޕެއިންތައް ވަނީ ފަށާފައެވެ.

އެގޮތުން ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު އަދި ޑރ. އަހުމަދު ޝަމްހީދެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަނުކުރައްވައި ތާއީދުކުރައްވަން ނިންމަވާފައިވަނީ ފައްޔާޒަށެވެ.