ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ހަ ފިރިހެނުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝް އަށް އުފަން މުހައްމަދު މައިނުއްދީން ސަލާހު، ރަޖިބު، މުހައްމަދު އަބްދުﷲ، އަޖްގޮރު މިރިދާ، އެމްޑީ މޮހިއްދީން ޗޯދްރީ ގެ އިތުރުން އެމްޑީ ޝާހިން މިއާހް އެވެ.
ހަ މީހުންގެ މައްޗަށް ވެސް ފުލުހުން މަނީލޯންޑްރިންގެ ތުހުމަތު ވަނީ އުފުލާފައެވެ. މީގެ ތެރެއިން ބައެއް މީހުން ކޯޓުގައި އެ މީހުން އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ކަމަށް ބުނަމުންދާއިރު އަނެއް ބައި މީހުން ދިޔައީ މީހަކަށް ޕާރުސަލެއް ހަވާލުކުރަން ކަމަށާއި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
މި މައްސަލައިގައި ހިމެނޭ އަޖްގޮރު ބުނެފައިވަނީ، އޭނާ އެއާޕޯޓަށް ދިޔައީ ޗުއްޓީއަށް ޤައުމަށް ދިޔުމަށް ކަމަށާއި، ބޭރު ފައިސާ ފެނުނު ލަގެޖަކީ އެއާޕޯޓުން ދިމާވި ރާޖިބުގެ އެއްޗެއް ކަމަށެވެ. އަދި އެ ލަގެޖު ބަރުވުމުން އޭނާއާއެކު ޗެކިންވީ ކަމަށް ބުންޏެވެ. ނަމަވެސް ރާޖިބު ކޯޓުގައި ބުނީ، އެ ލަގެޖާ އޭނާ ހަވާލުވީ ފައިސާ ދޭނެ ކަމަށް އަޖްގޮރު ބުނުމުން ކަމަށެވެ. މީގެއިތުރުން ޝާހިން ވެސް ވަނީ އޭނާ އެއާޕޯޓަށް ދިޔައީ އަޖްގޮރު ހަވާލުކުރި ޕާރުސަލެއް މީހަކަށް ދިނުމަށް ކަމަށް ބުނެފައެވެ.
ފުލުހުންބުނީ މި ހަ މީހުން އަތުން ހިފެހެއްޓުނު ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ ނަވާވީސް ލާރި) އަށް އަރާ ކަމަށެވެ.
އަދި ފުލުހުން ހާމަކުރި ފޮޓޯތަކުން ދައްކާ ގޮތުގައި މި ފައިސާތައް ފޮރުވާފައި ހުރީ ސީރިއަލް ޕެކެޓުތަކުގެ ތެރޭގައެވެ.
ހުއްދަ ނެތް ފަރާތުން ޑޮލަރު ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދީފައިވާއިރު މި ފަހުން ވެސް ވަނީ އެ ވިޔަފާރީގައި އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.