ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް، ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޡާމް އައްޔަނު ކުރައްވައިފި އެވެ.
ޕީސީބީން ބުނީ ސްޓެލްކޯ ޑިރެކްޓަރުންގެ ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
މި ސަރުކާރުގެ ކުރީކޮޅު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނިޘާމް ވަނީ، 2004 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުގައި ޚިދުމަތްކުރައްވައިފައެވެ.
އެ މުއްދަތުގައި ކޯސްޓްގާޑު ފްލީޓުގެ ޑައިވަރެއްގެ ގޮތުގައާއި، ކޯސްޓްގާޑު އުޅަނދު 'ޣާޒީ' ގެ ކޯޕްރަލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވިއިރު ނިޡާމް ވަނީ އޯޕަން ވޯޓާ، އެޑްވާންސްޑް އަދި ރެސްކިއު ޑައިވިން ފަދަ ތަމްރީނުތައް ވެސް ހައްދަވައިފައެވެ.
މީގެ އިތުރުން އިމާރާތްކުރުމާއި ރިސޯޓު ތަރައްގީކުރުމާއި ޕްރޮޖެކްޓުތައް ހިންގުމާއި އިދާރީ ހިންގުމުގެ ދާއިރާއިން ވެސް ނިޡާމް ތަޖުރިބާ ހޯއްދަވައިފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަންނަނީ އެކި ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަވަމުންނެވެ.