އެމްޕީއެލްއިން އެއަރކޮންޑިޝަން ޔުނިޓްތަކެއް (އޭސީ) ގަތުމުގައި ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވަން ނިންމައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ 2016 އަދި 2017 ވަނަ އަހަރު، އެ ކުންފުނިން 18 އޭސީ ޤަވާއިދާއި ޚިލާފަށް އާންމުކޮށް އިޢުލާންކުރުމެއްނެތި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ މި މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ގަނެފައިވާ މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި 16 ސެޕްޓެންބަރު 2026 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައި ވަނީ، އެމްޕީއެލްގެ އޭރުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައި ހުރި މުޙައްމަދު ޖުނައިދު )މ.ރީފްވިލާ / ކ.މާލެ) އަދި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމުގައި އޭރު ހުރި ޢަބްދުލްވައްހާބު (މ.ހިލްއިންދަގާރޑެން/ ކ.މާލެ)ގެ މައްޗަށެވެ.

އޭސީސީން ބުނީ މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހެޅުމަށް ނިންމާފައި ވަނީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާގައި ކަމަށެވެ.