އޯލެވެލް އިމްތިހާނަށް ދަރިވަރުން ތިބީ ފުރިހަމަ އަށް ތައްޔާރު ވެފައި ކަމަށް މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެވެ.
ގްރޭޑް 10 ނިންމާ ކުދިންގެ އޯލެވެލް އިމްތިހާން ފެށުމާއި ގުޅިގެން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވަޒީރު ޝަފީއު ވަނީ، އިމްތިހާނަށް ދަރިވަރުން ފުރިހަމައަށް ތައްޔާރުވެފައިވަ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، އިމްތިހާނު ހަދާ ދުވަސްތަކުގައި، ކުދިން މާ ބޮޑަށް ހާސްވާ މިންވަރަށް ކުދިންނަށް އިމްތިހާނަށް ތައްޔާރުވުމަށް ބާރު އެޅުމަކީ އެންމެ ބުއްދި ވެރި ގޮތް ނޫން ކަމަށެވެ. އަދި އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިންނަށް ހިތްވަރުދިނުމަށް، ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ.
ވަޒީރު ވަނީ، އަމިއްލަ ނަމުގަޔާއި، ވުޒާރާގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ހުރިހާ ދަރިވަރުންނަށްވެސް ކަމިޔާބީއަށް އެދި ދުއާ ތަކުރާރުކުރައްވާފައެވެ. އަދި ގަދައަޅައި މަސައްކަތް ކޮށް، ރަނގަޅު ނަތީޖައެއް ހޯދުމަށް ވަޒީރު ވަނީ ހުރިހާ ދަރިވަރުންނަށްވެސް އިލްތިމާސް ކުރައްވާފަ އެވެ.
މި އަހަރު އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 8111 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާއިރު، އޯލެވެލް އިމްތިހާނު މިއަދުން ފެށިގެން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެެެއެވެ.