ޒުވާނުންގެ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫތު ކައުންސިލިންގ ސާވިސްގެ ނަމުގައި ޚިދުމަތެއް ހުޅުވާލައި ހިލޭ ގުޅޭނެ ހާއްސަ ނަމްބަރެއް ތައާރަފްކޮށްފިއެވެ.

ޒުވާނުންގެ ކައުންސެލިންގ ޚިދުމަތްތަކަށް ޚާއްޞަ ހިލޭ ގުޅޭ ނަންބަރަކީ "1456" އެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުން ކަމަށެވެ.

ެެ އެ މިނިސްޓްރީން ބުނީ މި ހޮޓްލައިން މެދުވެރިކޮށް ޒުވާނުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޚިދުމަތް ހިމެނޭ ކަމަށެވެ. އަދި ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި އިރުޝާދު ދިނުމާއި ނަފްސާނީ ކުއްލި އެހީތެރިކަމާއި ޞިއްޙީ ސްކްރީނިންގ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން ހިމެނެއެވެ.

މި ޚިދުމަތް ލިބޭނީ ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 1456 އަށް ގުޅައިގެންނެވެ.