އަމާޒަކީ ވެށި ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތައް، ވިޔަފާރިތަކަށް ލުއި ކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް އެ ވުޒާރާއިން އިސްލާހުތަކެއް ގެނެސްފައިވާ އިރު، އެ ވުޒާރާގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި، ހާއްސަކޮށް ގައުމުގެ އިގްތިސާދުގެ މައިނާރެސް ކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދެމިއޮތުމަށް ބުރައަކަށް ނުވާނޭހެން، އެންމެންގެ މަސްލަހަތު ހިމެނޭ ގޮތަށް ތަންފީޒުކުރެވޭ ސިޔާސަތުތަކަކަށް ހެދުން ކަމަށް އެ ވުޒަރާއިން ބުނެ އެވެ.
އެ ވުޒާރާއިން ބުނީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ އުސޫލުތަކަކާއެކު ތިމާވެށީގެ ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަމަށެވެ.
އެގޮތުން ގެނެސްފައިވާ މައިގަނޑު އިސްލާހުތަކަށް ބަލަލާއިރު، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނަ ކުރާ ތާރީހު 2021 ޖޫން 1 އިން 2031 ގެ ޖޫން 1 އަށް ބަދަލުކުރުމުގެ އިތުރުން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެ ކުރާ ތާރީހު 1 ޑިސެމްބަރު 2026 އަށް ބަދަލު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން 250 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، (ފެން ފިޔަވައި) އެހެނިހެން ތައްޔާރީ ބުއިންތައް، މި އަހަރުގެ 19 ސެޕްޓެމްބަރުން ފެށިގެން އެތެރެކުރުން މަނާކުރުންވެސް އިސްލާހުތަކުގައި ހިމެނެ އެވެ.