ތޫނު އެއްޗަކުން ހަމަލާދީ ދިވެހިންގެ 2 މީހަކު ޒަޚަމްކޮށްލި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމުގެ މަޢުލޫމާތު ރޭ 21:01 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ. އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ދެވަނަ މީހާއަށް ފަރުވާދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
އެ މައްސަލައިގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.