އަބަދުވެސް، ގައުމު ނުދަރައިގެން އުޅޭ ބަޔަކު އުޅޭތީ ކަންބޮޑުވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 150 މިލިއަން ޑޮލަރުގެ، އިންޑިއާގެ ލޯނެއް އަދާ ކުރުމާއި ގުޅިގެން ސައީދު އެކްސްގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެމްޑީޕީ ސަރުކާރުން، ބަޖެޓް ސަޕޯޓް ނުވަތަ ބަޖެޓް ހަރަދުތަކެއް ބޮޑުވެގެން ދިޔަ ދުވަސްވަރެއްގައި ބަޖެޓް ހަމަޖައްސަން ވެގެން ނަގާފައިވާ ލޯނެއް ކަމަށެވެ. އަދި އެ ލޯނުވެސް މިހާރު ދައްކާ ހަލާސް ކޮށްފައިވާ ކަމަސް ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ލޯނު ދެއްކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ލޯނު ދެއްކުމުން ކާޑު ނުލިބި، ތެލާއި، ގޭސް ނުގަނެވޭނެ ކަމަށާއި އަސާސީ ބަވަތްތަކުގެ މުދަލެއް ނުލިބޭނެ ކަމަށް ބުނަމުންދާކަމަށް ސައީދު ވިދާޅުވި އެވެ.

ނަމަވެސް އެއީ އާންމުކޮށް ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށްޓަކައި، އަދި މާކެޓުގެ އިތުބާރު ގެއްލުވާލުމަށް އާންމު އުސޫލުން އިދިކޮޅުން ދައްކާ ވާހަކަތަކެއް ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވަނީ، އެއްވެސް އަސާސީ މުދަލަކަށް ހުރަހެއް ނެތްކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އަޅުގަނޑު ޔަގީންކަން އަރުވަން، އިރާދަކުރެއްވިއްޔާ އެއްވެސް ބާވަތެއްގެ އެއްވެސް އަސާސީ މުދަލަކަށް ނުވަތަ ކާޑު ގަތުމަކަށް، ތެޔޮ، ގޭސް ގަތުމަކަށް އެއްވެސް ހުރަހެއް ނެތް. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ މީގެން އެއްޗަކަށް ނުޖެހި މިދިޔަ ދުވަސް ތަކުގައިވެސް މިދިޔައީ އިންޝާﷲ ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ކުރިއަށްދާނެ."

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

މީގެ އިތުރުން، ޑޮލަރާ ގުޅިގެން ދައްކަ ވާހަކަތަކަށް ރައްދުދެއްވައި ސައީދު ވިދަޅުވީ، ޑޮލަރުގެ ކަންތައް ހަމައަކަށް އެޅި ކުރިއަށް ދާން ފެށުމުން، އަނެއްކާވެސް އައު ވާހަކަތަކެއް ދައްކަން ފަށާފައިވާ ކަމަށެވެ.

ސައީދު ވަނީ، ޗައިނާ ސަރުކާރުންވެސް ލޯނު، އޭޑީއެފްޓީގެ ލޯނެއްވެސް ފަސްކޮށްފައިވާ ކަމާއި، ސޮވެރިން ގެރެންޓީ ދީފައިވާ ބައެއް ލޯނުތަކެއްވެސް އަދާކުރުމުގެ މުއްދަތު ފަސް ކޮށްދީފައިވާކަން ފާހަގަކުރައްވާފަ އެވެ.

ސައީދު ވިދާޅުވީ، މި ސަރުކާރުން، ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވައި ކޮށްފައިވާ އެއް ކަމަކީ، ސުކޫކު ޑިފޯލްޓު ނުވެ، ދިވެހި ތާރީހުގައި ދެއްކި އެންމެ ބޮޑު ލޯނު އަނބުރައި ދައްކާ ރާއްޖެ އިގްތިސޯދުގެ ރޭޓިން އަލުން އަނބުރާ ގެނެސް ދިނުން ކަމަށެވެ. އެހެންވީމަ ގައުމަށް ދުވަސް ވަރަކަށް ފަހު ދުވަސް ވަރެއް ބޮޑެތި ގޮންޖެހުންތަކުން އަރައިގެން، ކާމިޔާބު ހޯއްދަވަމުންދާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

މިހެން ދާއިރު، އަޅުގަނޑު ކަންބޮޑު މިވަނީ އަބަދުވެސް ނުދަރައިގެން އުޅޭ ބަޔަކު އުޅޭތީ. ދެން ހަމަ މިގޮތަށް ބައެއް ނޫސްތަކުގައި، އިނގެރޭސި ބަހުން އެބަ ލިޔޭ، ރާއްޖެއަށް ފަތުރުވެރިން ނައްނާނެހެން ހީވަ ހުރިހާ ކަންތައްތަކެއް ހަމަ ހައިލަޓު ކޮށްލާފަވެސް އެބަ ލިޔޭ އަދި މި ވާހަކަތައް ވަރަށް ފޯރީގައި ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނާ ވާދަވެރި ބައެއް ފަރާތްތަކުން އެބަ ދައްކާ."

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ސައީދު އިތުރަށް ވިދާޅުވީ، މިފަދަ ކަންތައްތަކުން ދިވެހިން ދުރުވަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ވައްޓާލާފައި އޮތް ނުރައްކާތެރި އަނދަވަޅުން، އަރައިގަތުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ އެއްވެސް ރައީސަކު ހޯއްދެވި ކާމިޔާބީއެއް ނޫން، ކުރެއްވި ކަންތައްތަކެއްވެސް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.

އެހެންކަމުން، ރެއާ ދުވާލު ރައީސް މުއިއްޒުގެ ސަރުކާރުން ނަތީޖަ ނެރެމުން ކަމަށް ވިދާޅުވެ ސައީދު ވަނީ، ޑޮލަރު މައްސަލަވެސް ހަމަޖެހޭނެ ކަމަށާއި، މި ދަތި އުނދަގޫ ހާލަތުން މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.