ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ އަކީ އެކި ސަރުކާރުތަކުގެ ބޮޑެތި އިހުމާލު އޮތް މައްސަލައެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުކަމަށް، އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ އއ. ތޮއްޑޫއަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިގުރޭޝަނުގެ ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށް، 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެކަމާ ގުޅިގެން ވަޒީރު އިހުސާން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

ވަޒީރު އިހުސާން ވަނީ، އެކަން ތަންފީޒުކުރުމަށް އަދި ދާހިލީ ވުޒާރާގެ އޮޕަރޭޝަނަލް ޕްލޭން ތަންފީޒުކުރުމުގައި އިމިގްރޭޝަނުންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ މަސައްކަތުގައި ރަށްރަށުގެ ކައުންސިލްތަކުންނާއި އާއްމު ރައްޔިތުން ދެމުންދާ އެއްބާރުލުމަށްވެސް ވަޒީރު އިހުސާން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން، ބިދޭސީންގެ މައްސަލަ އަކީ އެތަކެއް ދިވެހިންނެއް އަދި އެކި ސަރުކާރުތަކުގެ ބޮޑެތި އިހުމާލު އޮތް ގައުމީ ސަލާމަތާއި ގުޅޭ މައްސަލައެއް ކަމަށެވެ.

އެހެންކަމުން މިކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތަކީ ވަރަށް އެގްރެސިވް އަދި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތެއް ކަން ފާހަގަކުރައްވާ ވަޒީރު އިހުސާން ވަނީ، އެ މޭރުމުން މަސައްކަތްކުރާއިރު ބައެއް ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވެދާނެ ކަމަށްޓަކައި މާފަށްވެސް އެދިވަޑައިގެންފަ އެވެ.