މާލެ ސިޓީއަކީ ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީވެސް ނުހަނު މުހިންމު ފިޔަވަޅެއް ކަމަށާއި، މި ސިޓީ ސާފުކޮށް ބޭއްވުމުގެ ޒިންމާ އެންމެން އެކަތިގަނޑަކަށް ވެގެން ނެގުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.
މޭޔަރު ޢާޒިމް މިހެން ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޚާއްޞަ ހަރަކާތުގެ ތެރެއިންނެވެ.
މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)، ސްކައުޓް އެސޯސިއޭޝަން، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ) އަދި ކްލީން މޯލްޑިވްސް އިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.
މި ހަރަކާތް ފައްޓަވާދެއްވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީއަކީ ސާފުތާހިރު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އަބަދުވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސާފުތާހިރުކަން ފެށިގެން އަންނަނީ ދުވަހުން ދުވަހަށް އަޅުގަނޑުމެން އަށަގަންނުވާ އާދަކާދަތަކުގެ ތެރެއިން ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި، ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ މުހިންމުކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި ގޭބިސީތަކާއި މަގުތަކުގެ އިތުރުން އާންމު ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.