ޑޮލަރު ޓްރާންސްފަރތަކަށް ހޭދަވާ ވަގުތު އަންނަ ހަފުތާގެ ނިޔަލަށް އާންމު ހާލަތަށް ގެނެވޭނެ.ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގައި އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 33.33 އިންސައްތަ ނުވަތަ ތިންބައިކުޅަ އެއްބައިގެ އިތުރުވުމެކެވެ. މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތަކާއި އަދަދުތައް

  • ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް: މަހަކު 38 މިލިއަން ޑޮލަރު

  • ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް: މަހަކު 27 މިލިއަން ޑޮލަރު
  • ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މަހަކު 9.4 މިލިއަން ޑޮލަރު
  • ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިއަން ޑޮލަރު

ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާ އަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށާއި ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން، މިކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަން ބީއެމްއެލްއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ. މީގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.  

މިއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.