ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އޮގަސްޓް މަހު 222 މައްސަލަ ބަލައިގަނެފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ޕީޖީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ އޮފީހުގެ އޮގަސްޓް މަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބު ދައްކާގޮތުން 160 މައްސަލަ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ 101 މައްސަލަ، ވައްކަމުގެ 14 މައްސަލަ، މާރާމާރީ ހިންގުމުގެ 7 މައްސަލަ، މަކަރާއި ޙީލަތް ހެދުމުގެ 11 މައްސަލަ، ދިވެހި ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ގެވެށިއަނިޔާގެ 4 މައްސަލައެވެ.
ބިރު ދެއްކުމުގެ 3 މައްސަލައެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަނިޔާއެއް ދިނުން، އަދި ރޭޕްކުރުމުގެވެސް 2 މައްސަލަ ހުށަހަޅާފައިވެއެވެ. ކިޑްނެޕް ކުރުމުގެ 1 މައްސަލަ، ބިރު ދެއްކުމާއި އިންޒާރު ދިނުމުގެ 1 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ، ހުއްދަ ނެތި ތަނަކަށް ވަނުމުގެ 1 މައްސަލަ، ހަށި ވިއްކުމުގެ 1 މައްސަލަ، ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގެ 1 މައްސަަލައެއް ޕީޖީ އޮފީހުން ވަނީ ބަލައިގަނެފައެވެ.
މި މައްސަލަތަކުގެ 155 މައްސަލައެއް ޕީޖީއަށް ހުށަހަޅާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އަދި 4 މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިނާއި ނ. މާފަރު ފުލުހުންގެ ހިދުމަތުން ވަނީ 1 މައްސަލަ ހުށަހަޅާފައެވެ.
ޑިއުޓީ ޕްރޮސިކިއުޝަނަށް 729 ބާވަތެއްގެ މައްސަލަ ވަނީ ޕީޖީއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލައެވެ. މަސްތުވާތަކެތީގެ 201 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ 40 މައްސަލައެވެ. ދެން މަކަރާއި ހީލަތް ހެދުމުގެ 23 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ކޯޓަށް ހުށަހެޅުނު ދައުވާގެ އަދަދަކީ 330 މައްސަލައެވެ. ކޯޓަށް 165 ބާވަތެއްގެ މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޑައިމޯފިން ބޭނުންކުރުމުގެ މައްސަލައެވެ. އެއީ 43 މައްސަލައެވެ. އަދި 1205 އަޑުއެހުމަށް ހާޒިރުވެފަައިވެއެވެ.