ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކުރުމުން އެއީ އޮޅިގެން ކުރި ކަމެއް ކަމަށް ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓުން އޭނާގެ މައްޗަށް ކޮއްފައިވަނީ ވައްކަމުގެ ތުހުމަތެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކިލިބިފައިވާ ކަމަށާއި ފުލުހުންގެ ހާދިސާ ރިޕޯޓާއި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑް ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓުން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށެވެ. އަދި އޭނާ އަތުން ވަގަށް ނަގާފައިވާ ސައިކަލެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭނާ ބުނެފައިވަނީ ސައިކަލު ނެގިފައިވަނީ އޮޅުމަކުން ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ. އަދި އޭނާއަކީ ހައްޔަރާއި ބަންދުގެ ރިކޯޑް އޮތް މީހެއް ކަމަށެވެ.