އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހޮޅި 2031 ޑިސެމްބަރު މަހާއި ހަމައަށް އުފައްދާ ވިއްކުމުގެ ހުއްދަ އަލުން ދޭން ސަރުކާރުން ނިންމައިފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ވާގޮތުން ރައީސް ވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ނަންބަރު 1 ގައި ހިމެނޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން 2021 ވަނަ އަރުގެ ޖޫން މަހުގެ 1 ވަނަ ދުަވުން ފެށިގެން މަނާކުރުން، 2031 އަހަރުގެ ޖޫން މަހުގެ 1 ވަނަަ ދުވަހަށް އަށް ބަދަލުކުރުމާއި އެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ފަސްކުރެއްވުމަށް ކަނޑައަޅުއްވައިފައެވެ.
ރައީސް ވަނީ ލިސްޓުގެ ނަންބަރު 13 ގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާކުރާ ތާރީހު 1 ޑިސެންބަރު 2029 އަށް ފަސްކޮށް، ބާޒާރަށް ނެރުން މަނާކުރާ ތާރީހު 1 ޖޫން 2030 އަށް ފަސްކުރެއްވުމަށް ވެސް ކަނޑައަޅުއްވައިފައެވެ.
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅުއްވައި، އެ ލިސްޓު ރައީސް ވަނީ އިސްލާހުކުރައްވައިފައެވެ.
ބުނެވިދިޔަ އިސްލާހުތައް، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގައި ހިމަނައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއު ކޮށްފަ އެވެ.