ރައްޔިތުންގެ ވެރިކަމެއް ކޮށްދެވޭނީ، ވެރިން ރައްޔިތުންނާ އެއް ހަމައެއްގައި ތިބެގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންސީގެ ކޮންގެރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ މެމްބަރުންނަކީ ގައުމީ ފިކުރުގެ މީހުން ކަމަށެވެ. އަދި ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމަށް ރައްޔިތުންނާ ހަމައަށް ތިރިވަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނީ، ރައްޔިތުންގެ ހަމައިގައި ތިބެގެން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ނަމުނާ ސަރުކާރުގެ އިސް ފަރާތްތަކުންވެސް ދައްކައިގެން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ހުރިހާ މެމްބަރުންވެސް އިހުލާސްތެރި، ތެދުވެރި، ގައުމަށް ވަފާތެރި ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެނޫން ގޮތަކަށް ރިޔާސީ އިނތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ކާމިޔާބު ކޮންގްރެސްއެއް ބޭއްވިއްޖެއޭ ބުނެ، އަނބުރާ ރަށަށް ދިއުމަކުން ރިޔާސީ އިނތިހާބު ކާމިޔާބުވާން ނެތްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، މި ކޮންގްރެސްއިން ލިބުނު ފިލާވަޅާ އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި ކޮންގްރެސް ނިމުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމުގެ މަސައްކަތްތައް ފަށަން އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ވާދަވެރިންނަށް ބިރުވެތި ވާވަރަށް ވުރެ މާ ބޮޑު މަސައްކަތެއް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ކޮންގްރެސް ޕާޓީ އޮތީ ވަރަށް ރަނގަޅަށް ފައްކާވެ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށަން ތައްޔާރުވެފައި ކަމަށެވެ. އަދި ޕީއެންސީގެ މެމްބަރުން ތިބީ ދެ ހިޔާލެއް، ދެ ފިކުރެއް، ދެ ވިސްނުމެއް ނެތި ރައީސް މުއިއްޒާ އެކު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރޭގެ އެ ޖަލްސާގައި 2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ޓިކެޓު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވާފައެވެ.