ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ 2028ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އަރުވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުއަށް ޓިކެޓް ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ރައީސް މުއިއްޒުއަށް ޕީއެންސީގެ 2028ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށް ޕާޓީން 1،119 މެންބަރުންގެ އިއްތިފާގުން ގަރާރެއް ފާސްކުރުމާ ގުޅިގެންނެވެ.

އެ ޕާޓީގެ އާންމު މެންބަރަކު އެ ގަރާރު ހުށަހެޅީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ގައުމަށް ކުރައްވަމުން ގެންދަވާ ހިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާތީއާއި، އެކި ދާއިރާތަކުން ގައުމަށް ކުރިއެރުން ހޯދުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ފެންނަތީ ކަމަށް ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ގަރާރާ ގުޅޭގޮތުން ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނީ ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމްދީން ހިމާޔަތްކުރުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ އެންމެ ބޮޑު ސަބަބު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގަރާރަށް ތާއީދު ކުރައްވައި ވިދާޅުވީ މި ގަރާރަކީ ޕީއެންސީގެ މަތީ މަޖިލީހުގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށާއި، ގައުމުގެ ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް މުއިއްޒު ދައްކަވާ މަގުން ކުރިއަށްދިއުން ކަމަށެވެ.