ދިވެހި ރައްޔިތުންނަށް މިއަދާ ހަމައަށް މިހާ ފަސޭހަކަމާއި އުފަލާއެކު މިތިބެވުނީ އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން ޤައުމަށްޓަކައި އިހްލާސްތެރިކަމާއެކީގައި ބަޔަކު ކުރި މަސައްކަތުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕީއެންސީގެ ކޮންގެރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ ޕާޓީގެ ފިކުރަކީ އިހްލާސްތެރިކަމާއެކު އެންމެ ފުރަތަމަ ޤައުމު އިސްކުރުން ކަމަށެވެ. އަދި މާތް ﷲ ދެއްވާފައިވާ ބުއްދީގެ ނިއުމަތް ބޭނުންކޮށް، އެކަލާނގެ މަތި ކުރައްވާފައިވާ ޒިންމާ އިހްލާސްތެރިކަމާއެކީގައި އަދާކޮށް، އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން އަންނާން އޮތް ޖީލުތަކަށް ޤައުމު ފޯރުކޮށްދޭނެ ބަޔަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރިންނާއި އަންނަން އޮތް ޖީލުތަކުން ސުވާލު ކުރާ ދުވަހު އަޅުގަނޑުމެންނަށް ފަހުރުވެރިކަމާއެކީގައި ދެންނެވޭނެ. ތިމަންނަމެންވެސް އިހްތިޔާރު ކުރީ ތިމަންނަމެނާއި ހަމަޔަށް މި ޤައުމު ގެނެސްދިން އަބްތޯލުން އެކުރެވި ޖިހާދުގެ އިހްތިޔާރު ކުރި ޝިއާރެއް. އެންމެ ފުރަތަމަ ޤައުމޭ. އެހެންވީމަ މި ޕާޓީ ކުރިއަށްދާނީ އެ ފަލްސަފާގައި. މި ޕާޓީ ތެރޭގައި މިކަމުގައި ހިޔާލު ތަފާތުވުމެއް ނެތް. އެހެންވީމަ އެހާ ބަދަހީ މި ސަފުތައް. އެހެންވީމަ އަޅުގަނޑުމެން ތެރޭގައި ނެތީ ބައިބައި ވުމެއް. އެހެންވީމަ އަޅުގަނޑުމެން ތެރޭގައި އެކުވެރިކަން އެހަ ރަނގަޅަށް އޮތީ. އަަޅުގަނޑުމެން މުޅި ޤައުމަށް ދޭ މެސްޖަކީ ދިވެހި ހުރިހާ ލޮބު ވެތި ރައްޔިތުންނަށްދޭ މެސެޖަކީ މި މެސެޖު.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުން ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށާއި، ރައްޔިތުންނަށް އަދުލުވެރިކަމާއި އިންސާފާއެކީގައި ހިދުމަތް ކުރެވޭނީވެސް އެ ފިކުރުގެ ތެރެއިން ކަމަށެވެ. އަދި އެ ފިކުރުގައި އެންމެ އިސް ކަމަކީ މާތްވެގެންވާ އިސްލާމް ދީން ކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ޕީއެންސީގެ އަސާސަކީ މާތްވެގެންވާ ދީނުގެ އަސާސް ކަމަށް ވިދާޅުވެ ރައީސް ވަނީ، މި ސަރުކާރުން އެންމެ ފުރަތަމަ ސިކުންތުން ފެށިގެން މިއަދާ ހަމައަށްވެސް ޤައުމުގެ ކަންކަން ކުރަމުން އައިސްފައި ވަނީ އަދި ކުރެވޭތޯ މަސައްކަތް ކޮށްފައި ވަނީ ވެސް އިސްލާމް ދީނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ނަސްރުދީގެން ކަމަށެވެ.