50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ޓީ-ބިލް ދެއްކީ އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށެވެ.
މީގެއިތުރުން، 17 ސެޕްޓެމްބަރު 2026 ގައި މުއްދަތު ހަމަވާ 50 މިލިއަން ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް 11 މެއި 2026 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައިވާ ކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ މި ދަރަނި ދައްކާފައިވަނީ އެކި ބައި ބަޔަށް ބަހާލައިގެންނެވެ. އެގޮތުން މި ސަރުކާރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އަދި އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާ އެކު މި ފެސިލިޓީ މިވަނީ އެއްކޮށް ޚަލާސްވެފައެވެ.