އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދާ ބައެއް އަޑުތަކަކީ، ޕީއެންސީން ގަސްދުގައި ނުބައި މެސެޖްދީގެން އިވޭ އަޑުތަކެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންސީގެ ކޮންގެރެސް ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވަނީ އިދިކޮޅު ފަރާތްތަކުން ޕީއެންސީގެ ލީޑާޝިޕް ރޫޅާލުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށް ވިދާޅުވެފައެވެ.
ފަލާހް ވިދާޅުވީ ބައެއް ފަހަރު އިދިކޮޅު ފަރާތްތަކަށް ގަސްދުގައި ނުރަނގަޅު ޚަބަރު ދެނީ "ލަނޑެއް" ދިނުމަށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެފަދަ ވާހަކަތަކުގެ ތެދު ދޮގު ނުބަލާ ނޫސްތަަކުގައި ނުލިޔުމަށް ކަމަށް ފަލާހް ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން ފަލާހް ވިދާޅުވީ މިރެއަކީ ތާރީހީ އަދި އުފާވެރި ރެއެއް ކަމަށެވެ. ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު، ކޮންގްރެސްގެ އެންމެންގެ އިއްތިފާގުން މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވާތީ ކަމަށާއި، އެ ޕާޓީގެ ހަޔާތުގައިވެސް މިއަށް ވުރެ އުފާވެރި ރެއެއް ނާންނާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާމެދު އެއްވެސް ވަރަކަށް ބޮލުގައި ރިހޭނެ ސަބަބެއް ނެތް ކަމަށެވެ.
ފަލާހް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލިއިރު، އެއްވެސް ދިމާލަކުން ސަލާމަތްވެވޭނެ ގޮތެއް ނެތް ކަމަށެވެ. އެގޮތުން އާންމު ރައްޔިތެއް ކައިރިއަށް ދިޔުމުން އެދެމުންދިޔައީ އެ ފަރާތްތަކުގެ މަންމަ ނުވަތަ ބައްޕަ ހައްޔަރުން ދޫކޮށްލުމަށް ކަމަށާއި، ރާއްޖޭގައި ވެރިކަން ކޮށްފައި ތިބި 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޭފުޅުން ވެސް އޭރު ތިބީ ޖަލުގައި ކަން ފަލާހް ފަހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ވެރިކަމަކަށް ރައްޔިތުން ދެން އިންތިޒާރު ނުކުރާ ކަމަށް ފަލާހް ވިދާޅުވިއެވެ.