ރާއްޖޭގެ ސެންޓްރަލް ބޭންކުތައް މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ކުރު މުއްދަތުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އިތުރުކުރެއްވުމަށް ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެލޭޝިޔާ ސަރުކާރުން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެވަޑައިގެންވެފައިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިސްލާމީ ކަންކަމާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުގެ ދެމެދުގައި އޮތް އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން މެލޭޝިޔާގެ ބޮޑު ވަޒީރު ޕީއެންސީގެ ކޮންގްރެސްއަށް ދެއްވި އެއްބާރުލެއްވުމާއި ހިތްވަރު ދެއްވިކަމަށްޓަކައި ރައީސް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބޮޑު ވަޒީރުގެ ދަތުރުފުޅާއެކު ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ އާ ބާބެއް ވަނީ ހުޅުވިގެން ގޮސްފައެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން، ކުރިއަށް އޮތްތަނުގައިވެސް އިތުރު ހަރުފަތަކަށް ވާސިލުވެގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އަރުވާފައެވެ.