ޖީސީސީ އަދި ބައިނަލްއަގްވާމީ މާކެޓުތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި، ޓްރެވަލް ޓްރޭޑްގެ ހަރަކާތްތަކާއި، މީޑިއާ ކަވަރޭޖާއި، ޕާޓްނަޝިޕްތައް ގާއިމުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކަށްފަހު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2026 ގައި ބައިވެރިވުން ނިންމާލައިފިއެވެ.

ރާއްޖެއިން އޭޓީއެމް 2026 ގައި ބައިވެރިވީ މިއަހަރު ބައިނަލްއަޤްވާމީ ޓްރެވަލް ޓްރޭޑް ފެއާއެއްގައި ބައިވެރިވި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ވަފުދާއެކުގައެވެ. މި ވަފުދުގައި ފަތުރުވެރިކަމުގެ ދާއިރާގެ 74 ކުންފުންޏަކުން 165 މަންދޫބުން ބައިވެރިވިއިރު، މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، އެކުވެރި ޢަރަބި އިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވީއެމްސީ އިން ބުނީ، ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ފެއަރގައި ރާއްޖޭގެ ވަފުދުން އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއި، މީޑިއާ އަދި ފަތުރުވެރިކަމުގެ ޖަމްއިއްޔާތަކުގެ އިތުރުން ސިނާއަތުގެ އެހެނިހެން ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ ތާވަލުކުރެވިފައިވާ ބީ2ބީ ބައްދަލުވުންތަކާއި، އިންޓަވިއުތަކާއި ނެޓްވޯކިން ހަރަކާތްތައް މެދުވެރިކޮށް މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ. މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި، މާކެޓުތައް ފުޅާކުރުމަށާއި، ގުޅިގެން ޕްރޮމޯޝަނަލް ފުރުސަތުތައް ތަރައްގީކުރުމަށާއި، އަދި ޖީސީސީ އާއި އެހެނިހެން މާކެޓުތަކުގައި ފަތުރުވެރިންގެ ޝައުގުވެރިކަމަށް އަންނަ ބަދަލުތަކަށް އެކަށޭނަ ހައްލުތައް ހޯދުމަށް ކަމަށް ވީއެމްސީ އިން ބުނެއެވެ.

ވީއެމްސީއިން ބުނީ، އޭޓީއެމް 2026 ގެ މުހިންމު އެއް ކާމިޔާބީއަކީ ބައިނަލްއަޤްވާމީ ބޮޑެތި އެއާލައިންތަކާއެކު ވީއެމްސީން ބާއްވާ ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުން ކަމަށެވެ. އެގޮތުން، އެމިރޭޓްސް އަދި ގަތަރު އެއާވޭސްއާ އެކު ވީއެމްސީން ވަނީ ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. މިއީ މަންޒިލް އިޝްތިހާރުކުރުމާއި، ޓްރެވަލް ޓްރޭޑްގެ ހަރަކާތްތަކާއި، ފެމިލިއަރައިޒޭޝަން އިސްނެގުންތަކާއި، މުހިންމު މާކެޓުތަކުގައި ގުޅިގެން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމުގައި އިތުރަށް އެއްބާރުލުން ދިނުމަށް އެކުލަވާލެވުނު އޮނިގަނޑުތަކެއް ކަމަށް ވީއެމްސީއިން ބުނެއެވެ.

ވީއެމްސީއިން ބުނީ، ގަތަރު އެއާވޭސްއާއެކު ވެވުނު މި ބަދަހި ގުޅުމަކީ، އޮކްޓޯބަރު މަހުން ފެށިގެން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޖާގަ އިތުރުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މީގެ ސަބަބުން ދޯހާ މެދުވެރިކޮށް ރާއްޖެއަށް އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެ، ގަތަރު އެއާވޭސްގެ ބައިނަލްއަޤްވާމީ ފުޅާ ވިއުގަ މެދުވެރިކޮށް ރާއްޖެއަށް ފަތުރުވެރިން އައުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވީއެމްސީ އިން ބުނެއެވެ.

މީގެ އިތުރުން، ޒުވާނުންނާއި ތަފާތު ތަޖުރިބާތަކަށް ލޯބިކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން، ޖީސީސީ މާކެޓަށް ގެންގުޅޭ ސްޓްރެޓެޖީ ވަރުގަދަކުރުމަށް ވެސް ވީއެމްސީން ވަނީ އޭޓީއެމްގެ ފުރުސަތު ބޭނުންކޮށްފައެވެ. ރާއްޖޭގެ ލަގްޒަރީ، އެކަހެރިކަން އަދި މަތީ ފެންވަރުގެ މެހެމާންދާރީގެ އިތުރުން، ޑައިވިންގ، ސްނޯކްލިންގ، ބިގް-ގޭމް އަދި ރޭގަނޑު މަސްވެރިކަން، ވެލްނެސް، އާއިލީ ދަތުރުތައް، ސަގާފަތް އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތަޖުރިބާތައް ފަދަ ކަންކަން އިޝްތިހާރުކުރުމަށް މިހާރު ދަނީ އިސްކަންދެމުންނެވެ.

އޭޓީއެމް 2026 މެދުވެރިކޮށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މީޑިއާތަކާއެކު ވީއެމްސީން ބާއްވާ ގުޅުންތަކަށް އިތުރު ބާރެއް ލިބިގެންދިޔަ ކަމަށް ވީއެމްސީ އިން ބުނެއެވެ. މިގޮތުން ދަތުރުފަތުރުގެ ގުޅުންތަކާއި، ފަތުރުވެރިކަމުގެ ކުރިއެރުމާއި، ޖީސީސީ މާކެޓުގެ ކުރިއެރުމާއި، މަންޒިލް ސިންދަފާތުކުރުމުގެ އިތުރުން 2027 ވަނަ އަހަރަށް ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް އިންޓަވިއުތަކާއި މަޝްވަރާތަކުގައި އަލިއަޅުވާލެވުނު ކަންފާހަގަކޮށް ވީއެމްސީއިން ބުނީ މެދުއިރުމައްޗަކީ އަދިވެސް ރާއްޖެއަށް މުހިންމު މާކެޓެކެވެ.

ހާއްސަކޮށް ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަކީ އިތުރު ކުރިއެރުމަށް ރަނގަޅު ފުރުސަތުތަކެއް އޮތް ދެ ގައުމު ކަމަށާއި، މީގެ އިތުރުން، ފަތުރުވެރިން އަންނަ މައި މާކެޓުތަކުގެ ގޮތުގައި އޮތުމުގެ އިތުރުން، ޔޫރަޕާއި އެހެނިހެން ބައިނަލްއަގުވާމީ މާކެޓުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް ގުޅުވައިދިނުމުގައި ވެސް ގަލްފުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ވީއެމްސީ އިން ބުނެއެވެ.

މީގެ އިތުރުން ވީއެމްސީ އިން ބުނީ، އޭޓީއެމް 2026 އަށްފަހު ވެސް، އެއާލައިންތަކާއި، ޓްރެވަލް ޓްރޭޑާއި، މީޑިއާ އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާއެކު ގުޅިގެން، ފެއާގެ ތެރެއިން އުފެދުނު ގުޅުންތައް އިތުރަށް ބަދަހިކޮށް، މިހާރު ހުރި މާކެޓުތަކާއި އަލަށް އުފެދެމުން އަންނަ މާކެޓުތަކުގައި ރާއްޖެއަށް އޮތް ޑިމާންޑް ވަރުގަދަކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދާނެ ކަމަށެވެ.