ސަރުކާރުން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން މިހާތަނަށް 2 މިލިޔަން ގަސް އިންދާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ މުހިންމު ޤައުމީ މަސައްކަތެކެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމު ކުރިއަށްގެންދަނީ ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކުއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ އިން މިއަދު އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ވަނީ އެ މަޝްރޫޢު ކުރިއަށްދާ ގޮތުގައި ތަފާަސްހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް މުޅި ޖުމްލަ 2،040،866 ގަސް ވަނީ އިންދާފައެވެ.
އެއާއެކު މި ޕްރޮގްރާމުގެ މުޅި ޖުމްލަ އަމާޒަކީ 5,859,394 ގަސް އިންދުން ކަމަށްވާއިރު، މުޅި މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި އިތުރަށް ދެން އިންދަންޖެހެނީ 3،818،528 ގަހެވެ.