ގައުމީ ޤުރްއާން މުބާރާތުން، އެއްވަނަ އަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕުގެ އުސޫލު އާންމުކޮށްފިއެވެ.
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ގެޒެޓުގައި އާންމު ކުރި އިއުލާނެއްގައި ބުނީ، މި އުސޫލުގެ ދަށުން ސްކޮލަރޝިޕް ދޭނީ ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ޙާފިޘުންގެ ބައިން އެއްވަނަ ހޯދާ ދިވެހި ރައްޔިތަކަށާއި ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާ ދިވެހި ރައްޔިތަކަށާއި ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދާ ދިވެހި ރައްޔިތަކަށް ކަމަށެވެ.
އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުގައި ސްކޮލަރޝިޕްގެ ދަށުން ގިނަ ޚަރަދުތަކެއް އެ ދަރިވަރަށް ދޭން އެގޮތުން ކޯހުގެ ރަޖިސްޓްރޭޝަން ފީ އާއި ޓިއުޝަން ފީ އާއި ސްޓޭޑެންޓް ވީޒާ ފީ އާއި ހެލްތް އިންޝުއަރެންސް އާއި އެސްޓަބްލިޝްމަންޓް އެލަވަންސް އާއި ސްޓައިޕެންޑް ހިމެނެ އެވެ.
ރާއްޖޭގެ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް މި ސްކީމުން ހާއްސަ އެލަވަންސެއް ލިބޭނެ އެވެ. އާންމު ސްޓައިޕެންޑް ރޭޓާ އިތުރަށް، ކޮންމެ މަހަކު 6,000 ރުފިޔާ ޚާއްޞަ އެލަވަންސަކަށް ދެވޭނެ އެވެ. މިއާ ގުޅިގެން ބުކް އެލަވަންސް، އިންޓަރންޝިޕްގެ ހަރަދު، ޑިޕާޗަރ އެލަވަންސް އަދި އިންކްލޫސިވިޓީ އެލަވަންސް ވެސް ލިބޭނެ އެވެ.
ޕީއެޗްޑީ ކިޔަވާ ދަރިވަރުންނަށް ވެސް އިތުރު އެލަވަންސް ދެވޭނެ ކަމަށް އުސޫލުގައި ބުނެފައިވާއިރު، ސްކޮލަރޝިޕްގެ އުސޫލުގައި ދަރިވަރުންގެ ޒިންމާތަކާއި ސްކޮލަރޝިޕް ކެންސަލް ކުރެވޭނެ ހާލަތްތައް ވެސް ސާފުކޮށް ލިޔެފައިވެ އެވެ.
އެއާއެކު ކިޔަވާ ޕްރޮގްރާމް ބަދަލުކުރުމާއި، ކޯހުން ފެއިލްވުމާއި ވަކިވުމުގައި އަމަލުކުރާނެ ގޮތްތަކާއި، ކޯސް ނިމުމަށް ފަހު ހިދުމަތް ކުރުމާ ގުޅޭ ޝަރުތުތައް ވެސް އުސޫލުގައި ވަނީ ހިމެނާފައެވެ.