ފްލެޓް ދޭއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝަކުވާތަކަށް އިސްކަން ދޭނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ސިލްސިލާ ޕްރޮގުރާމް ރައްޔިތުންގެ އަޑުގެ މިހަފްތާގެ އެޕިސޯޑުގައި ރައީސް ވަނީ، އަޑު އިވުމުން މަހުރޫމުވެފައިވާ ދެމެފިރިންގެ ދިރިއުޅުމުގައި ހުރި ދަތިތަކާއި ގުޅިގެން އެ ދެމަފިރިން ހިއްސާކޮށްފައިވާ ވާހަކަތައް އަޑުއައްސަވާފަ އެވެ.
އެދެމަފިރިން، ފިރިމީހާގެ ބައްޕަ ބަލަމުންދާކަން ފާހަގަކޮށް ބުނެފައިވަނީ ބައްޕަ އަކީ ހިނގައި ބިނގައިވެ ނުޅެވޭ ފަރާތެއްކަމުން ވަރަށް ގިނަ ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން ބައްޕަ ގޮވާލިޔަސް އަޑު ނީވުމުގެ ސަބަބުން ގިނަ ފަހަރުތަކެއްގައި ބައްޕަ ވެއްޓިފައި އޮންނަ ކަން ފާހަގަކޮށްފައިވެ އެވެ.
ދެމަފިރިން ވަނީ ދިރިއުޅެމުންދަނީ ހުޅުމާލެ ފްލެޓެއްގައި 3 ވަނަ ފަންގިފިލާގައި ކަމާއި، އެ އިމާރާތުގައި ލިފްޓެއް ނުހުންނަކަން ފާހަގަކޮށް، ބައްޕަ ހޮސްޕިޓަލަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ އެމްބިއުލާންސަށް ގުޅަން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ގިނަ ފަހަރުތަކެއްގައި އަޑު އިވުމުން މަހުރޫމު ވެފައިވާތީ، އެކަން ކުރުމަށްވެސް ދަތިތަކެއް ދިމާވާ ކަމަށް ބުނެ އެވެ.
މިކަމާ ގުޅުވައިގެން ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ، ހިނގާ ބިނގާވެ އުޅެން ދަތި ފަރާތްތަކަށް ވީހާވެސް ތިރިން ފްލެޓް ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރުން އެ ދެމަފިރިން ވަނީ، ދަރިންގެ ކަންކަން ބެލެހެއްޓުމުގައިވެސް ދަތިތައް ދިމާވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން، ސްކޫލްތަކުގައި ސައިން ލޭންގުއެޖު އިނގޭ މީހުން ނުތިބުމުގެ ސަބަބުން ބައްދަލުވުންތަކުގައި ކިޔާ އެއްޗެއް ނޭނގުމުގެ އިތުރުން ކުދިންގެ މުދައްރިސުންނަށް ވާހަކަދެއްކުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން ރައީސް ވަނީ ސްކޫލްތަކުގައިވެސް އާންމު މާހައުލުތަކުގައިވެސް އެކަން ކަމަށް އެކްސެސިބިލިޓީ ރަނގަޅުކޮށް، އިންކްލޫސިވިޓީ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.