ފުޑްކޯޓު ހިމެނޭ ސަރަހައްދުގައި ހާބަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ ސަރަހައްދުގެ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.

އެ ކުންފުނިން އެ ވިޔަފާރިތަކަށް ފޮނުވި ލިއުމެއްގައި ބުނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭ ތާރީހުން ފެށިގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަންތަން ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

އެ މުއްދަތުގައި ޔުނިޓުތައް ހަވާލުކުރުމުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލު ވެ، ނިމުމަކަށް އަންނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތް ނަމަ، އެ ފައިސާގެ ތަފުސީލާއި އެ ފައިސާ އަދާކުރަން ޖެހޭ ތާވަލު މިހާރު ދީފައި އޮތް މުހުލަތުގެ ތެރޭގައި ހަމަވުމުގެ ކުރިން ފޮނުވާނެ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދަކީ ގިނަ އަދަދެއްގެ ކެފޭ، ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އެއްފުރާޅެއްގެ ދަށުން ލިބޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ދިވެހި އަދި ބޭރުގެ ތަފާތު ކާނާތަކުގެ އިތުރުން ފާސްޓްފޫޑާއި އެކި ބާވަތުގެ ބުއިންތައް ލިބެން ހުރެއެވެ.