ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ އިސްތިރާޖީ ބައްދަލުވުންތަކުގެ 3 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި އަހަރު ބޭއްވި ބައްދަލުވުމުގައި ކުރީގެ ދެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަށް އަލިއަޅުވާލައި ދެ ޤައުމު ގުޅިގެން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދެވެ. އަދި އިނގިރޭސިވިލާތުން އިސްކޮށް ހުންނެވީ އެ ޤައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން ދެކުނު އޭޝިއާ އަދި އަފްގާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު ލޯރޭ ބިއޯފިލްސްއެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުމުގެ އިތުރުން ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކޮށްފައި ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖެ އާއި އިނގިރޭސިވިލާތުން ވަނީ އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ދެ ޤައުމުން އަބަދުވެސް މަސައްކަތް ކުރާނެކަން ހާމަކޮށްފައި ކަމަށާއި މެރިޓައިމް ސެކިއުރިޓީ އާއި ދިފާޢީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާއި ކައުންޓަރ ޓެރަރިޒަމް ދާއިރާއިން ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށް އެ ދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީންތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިނގިރޭސިވިލާތުން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މިގޮތުން ވެރިކަން ހިންގުމުގެ ނިޒާމާއި ޖިނާޢީ އަދުލުގެ ނިޒާމް އިސްލާހުކުރުމާއި ޝަރުޢީ ދާއިރާގެ މިނިވަންކަމާއި އިންސާނީ ޙައްގުތަކުގެ އިތުރުން ޑިމޮކްރަޓިކް އިންސްޓިޓިއުޝަންތައް ބާރުވެރިކުރުވުމާ ގުޅޭގޮތުންވެސް ދެ ޤައުމުން ވަނީ މަޝްވަރާކޮށްފައި ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން، ރާއްޖޭން ޤާނޫނީ ވެރިކަން ހަރުދަނާ ކުރުމަށާއި އިންސާނީ ޙައްގުތައް ކަށަވަރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެކަމަށް އިނގިރޭވިސިލާތުން ވަނީ ހާމަކޮށްފައެވެ.
ކުރީގެ ދެ ޑައިލޮގަށްފަހު އިންތިސާދީގޮތުންނާއި ވިޔަފާރީގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ. އެެގޮތުން، 2028ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ނުނެގުމަށް އިނގިރޭވިލާތުން ނިންމި ނިންމުމަށް ރާއްޖޭން ވަނީ މަރުހަބާ ކިޔާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިކަމާއި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި މާލީ ޚިދުމަތްތަކުގެ ދާއިރާތަކުން ގުޅިގެން އިތުރު މަސައްކަތްތައް ކުރުމަށް ދެ ޤައުމުން ވަނީ މަޝްވަރާ ކޮށްފައެވެ.
ޗެވެނިން އާއި ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާކަން ފާހަގަކުރައްވައި އިންސާނީ ވަސީލަތްތަކާއި ތަޢުލީމީ ދާއިރާގައި ހުރި އިތުރު ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ފަތުރުވެރިކަމާއި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަންވެސް ވަނީ ހާމަކޮށްފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި ކަނޑު ހިމާޔަތްކުރުމާ ގުޅޭގޮތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން، އޯޝަން ކަންޓްރީ ޕާޓްނަޝިޕް ޕްރޮގްރާމްގެ ދަށުން އެއްބާރުލުން ދިނުމާއި ކަނޑުގެ ވަސީލަތްތައް ހަރުދަނާ ކުރުމާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން ސިޑްސް އާއި ސްމޯލް އައިލެންޑް ސްޓޭޓްސްގައި ރާއްޖޭގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް ކޮޕް 31ގައި ގުޅިގެން މަޝްވަރާ ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
އދ. އާއި ކޮމަންވެލްތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި ބައިނަލްއަގުވާމީ ގޮތުން ދެ ޤައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެއްބާރުލުން ދިނުމަށްވެސް އެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.