މިމަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ޔާމީނަަށް ދައުވާ ކުރަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

2 މައްސަލައިގެ ތެރެއިން އާރަށް މައްސަލާގައި ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވާފައި ވަނިކޮށް ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.

އެހެންކަމުން، 2 މައްސަލަ ކްރިމިނަލް ކޯޓުގައި އޮތްއިރު، ފުއްގިރީގެ މައްސަލަ އަންނަ ހަފުތާއަށް ވަނީ ތާވަލްކޮށްފަ އެވެ. އަދި އާރަށުގެ މައްސަލާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހަށެވެ.

މީގެ އިތުރުން، އާރަށު މައްސަލާގައި އައު ހެކިތަކެއް ދައުލަތަށް ހުށަހެޅުމުން އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ އިރު، ފުއްގިރި މައްސަލަ މިހާރު އޮތީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގަ އެވެ.